ފިހުރިސްތު
އަޙްމަދު އަސްޢަދު، އަޙްމަދު މުޙައްމަދު، އަޙްމަދު ސަރުވާޝް އާދަމް، ޢަލީ ހާޝިމް، އިބްރާހިމް އާތިފް ޝަކޫރު
ތަޢާރަފް
ދައުލަތުން 2025 އަށް ހުށަހަޅާ ފާސްކޮށްފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ދައުލަތަށް ލިބޭނޭ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީ ލިބުމުގައި ބޮޑެތި ހިރާސްތަކެއް ފެންނާން ނެތް ކަމުގައިވިޔަސް، ބަޖެޓު ކުރެވިފައިވާ ގޮތަށް ކާމިޔާބުކަމާއެކު ތަންފީޒު ކުރަމަށް ގޮންޖެހުންތަކެއް ހުރި ކަމަށް ފެނެއެވެ. މިގޮތުން 2025 ގެ ބަޖެޓަށް ނަޒަރު ހިންގުމުގައި އަންނަނިވި ކަންތައްތަކުގެ މައްޗަށް ބަޖެޓުން ކޮށްފާނެ އަސަރުތަކަށް މި ލިޔުމުގައި ބަލައިލާފައިވާނެއެވެ. އަދި ފާސްކޮށްފައިވާ ގޮތަށް ބަޖެޓު ތަންފީޒު ކުރެވިދާނެކަމާއި މެދު އުފެދޭ ސުވާލުތަކާއި، ސިނާއީގޮތުން ރާއްޖޭގެ އިޤްތިސާދުގެ ސިންދަފާތު ބޮޑު ނުވަތަ ކުޑަވާނެ ވަރާއި، ވަކި ސިނާއަތަކަށް ޤައުމު ބުރަވާންޖެހޭ މިންވަރުގެ ސަބަބުން ކުރާނެ އަސަރާއި، ތަރައްޤީގެ މަޝްރޫޢުތަކާއި، ހިންގުމުގެ ޚަރަދާއި ޤައުމީ ދަރަންޏަށް ވެގެންދާގޮތާއި، ތަކެތީގެ އަގަށް އަންނާނެ ބަދަލާއި، ރައްޔިތުންނަށް ދައުލަތުގެ ފަރާތުން ދޭ އެހީއަށް ގެންނަން ހުށަހަޅާފައިވާ ބަދަލުގެ ސަބަބުން ރައްޔަތުންނަށް އޮތް ހެވާއި ލާބަ ނުވަތަ ތުރާލާއި ދަތިތަކުގެ މައްޗަށް އަލިއަޅުވާފައި ވާނެއެވެ.
ފަތުރުވެރިކަމުން ލިބޭ އާމްދަނީއަށް ބަރޯސާވާ މިންވަރު އިތުރުވަމުން ދިއުން
2025 ވަނަ އަހަރުގެ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި، ޖުމުލަ އާމްދަނީއަކީ 39.8 ބިލިއަން ރުފިޔާއެވެ. މިއީ 2023 އަދި 2024 ގައި ލިބުނު އާމްދަނީއަށް ވުރެ 16.5 އިންސައްތަ އިތުރު އަދަދެކެވެ.
ދުންފަތުން ނަގާ ޓެކްސް ކުއްލިއަކަށް ވަރަށް ބޮޑުތަނުން އިތުރުކުރުމުގެ ސަބަބުން، ކުރިޔަށް އޮތް އަހަރުގައި އިމްޕޯރޓް ޑިޔުޓީގެ އާމްދަނީއަށް އިތުރު 1 ބިލިއަން ރުފިޔާ ލިބޭނޭ ކަމަށް ބެލެވުނު ނަމަވެސް، ފާއިތުވި އެހެން އަހަރުތަކެކޭ އެއްފަދައިން އާމްދަނީގެ އެންމެ ބޮޑު ހިއްސާއަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީއެވެ. މިގޮތުން ޖުމްލަ ޓެކްސް އާމްދަނީގެ 29 ބިލިއަން ރުފިޔާގެ ތެރެއިން 9.9 ބިލިއަން ރުފިޔާއަކީ ޓޫރިޒަމް ޖީ.އެސް.ޓީ. އެވެ. ޓެކުހާއި ޓެކްސްނޫން ގޮތުގައި ލިބޭ 37.2 ބިލިއަން ރުފިޔާގެ 48 އިންސައްތަ ކަމުގައިވާ 14.1 ބިލިއަން ރުފިޔާއަކީ ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ޓީ.ޖީ.އެސް.ޓީ. އާއި ގްރީން ޓެކްސް އަދި ޑިޕާރޗަރ ފީއާއި އެއަރޕޯޓް ޑެވެލޮޕްމަންޓް ފީ އިތުރުކޮށްގެން ހޯދާ އާމްދަނީއެވެ. މާނައަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީއަށް ދައުލަތުން ބަރޯސާވާ މިންވަރު އިހުނަށްވުރެ އިތުރުވުމެވެ. މި ޙަޤީޤަތާއިއެކު އެސިނާއަތަށް ދިމާވެދާނެ ލޮޅުމެއްގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކާމެދު ވިސްނާ، ހުށިޔާރުވާން ޖެހެއެވެ.
ފަތުރުވެރިކަމުގެ މައްޗަށް ދައުލަތުގެ އާމްދަނީ ބަރޯސާވާ މިންވަރު އިތުރުވަމުން ދިއުމަކީ ކޮވިޑް-19 ފަދަ ލޮޅުމަކާ ކުރިމަތިލާން ޖެހިދާނެ ހާލަތްތަކުގައި ޤައުމުގެ އިޤްތިޞާދަށާއި ރައްޔިތުންގެ ފުދުންތެރިކަމަށް ބޮޑެތި ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. އެހެންކަމުން ދައުލަތަށް އާމްދަނީ ލިބޭނޭ މަގުތަށް އިތުރުކުރުމާއި، އިޤްތިޞާދު ސިންދަފާތުކުރުމަކީ ދައުލަތުގެ އާމްދަނީގެ ބިންގާ ވަރުގަދަކޮށް ހިރާސްތައް ކުޑަކުރުމަށް މިއަދު އަޅާންޖެހިފައިވާ އެންމެ އަސާސީ އެއް ފިޔަވަޅެވެ.
ޚަރަދު ބޮޑުވަމުން ދިއުމާއެކު ދަރަނި އިތުރުވާ މިންވަރު ހަލުވިވުން
ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ޚަރަދުކުރުމުމުގެ ސަގާފަތަކީ މީގެ އެތަކެއް އަހަރުން ފެށިގެންވެސް ބަޖެޓު އެކުލަވާލުމުގައި ހަރުލާފައިހުރި ސަގާފަތެކެވެ. އަދި މިސަގާފަތުގެ ސަބަބުން އަހަރުން އަހަރަށް ޤައުމީ ދަރަނި ދަނީ ހަލުވި ދުވެއްޔެއްގައި އިތުރުވަމުންނެވެ.
2025 ގެ ބަޖެޓުގައި ޚަރަދު އިތުރުވެފައިވާ ކަންކަމަށް ބަލައިލާއިރު މުވައްޒަފުންނަށް ކުރާ ޚަރަދު 2023 އަށްވުރެ 37 އިންސައްތަ ނުވަތަ 3.7 ބިލިއަން ރުފިޔާ އިތުރެވެ. އަދި 2024 އަށް ރިވައިޒްކޮށްފައިވާ އަދަދަށްވުރެ 20 އިންސައްތަ ނުވަތަ 2.4 ބިލިއަން ރުފިޔާ އިތުރެވެ. އޮފީސް ހިންގުމަށް ހޯދާ ތަކެއްޗާއި، ޚިދުމަތުގެ ޚަރަދާއި، ޚިދުމަތް ދިނުމަށް ހޯދާ ތަކެތީގެ އަގުހިމެނޭހެން އޮފީސް ހިންގުމުގެ އިދާރީ ޚަރަދު 2023 އަށްވުރެ 15 އިންސައްތަ އަދި 2024 އަށްވުރެ 5 އިންސައްތަ ބޮޑުވެފައިވެއެވެ. މީގެ އިތުރުން ދަރަނީގެ އިންޓަރެސްޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދަކީ ޖުމްލަ ބަޖެޓުގެ 10 އިންސައްތައާއި އެއްވަރުގެ އަދަދެކެވެ. އަދި މިއީ 2023 އަށްވުރެ 32 އިންސައްތަ އަދި 2024 އަށްވުރެ 7 އިންސައްތަ ބޮޑު އަދަދެކެވެ. ބައެއް ދާއިރާތަކުން ޚަރަދު ކުޑަކުރުމަށް ބަޖެޓުގައި ރާވައިފައިވީ ނަމަވެސް، މި ދެންނެވުނު ބައިތަކުން ޚަރަދު އިތުރުވާ މިންވަރު ބޮޑުކަމުން، ޚަރަދާއި ބަޖެޓުން ދަރަންޏަށް އިތުރުވާ މިންވަރު އަންނަ އަހަރުގެ ބަޖެޓުގައިވެސް ވަނީ އިތުރުވެފައެވެ.
އެއާއެކު، 2025 ވަނަ އަހަރުގައި ސަރުކާރުގެ ސީދާ ދަރަނި އަދި ސަރުކާރުން ގެރެންޓީ ދީފައިވާ ދަރަނީގެ ޖުމުލަ 149.9 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކޮށްފައިވެއެވެ. ހަމައެކަނި ސަރުކާރުގެ ސީދާ ދަރަންޏަށް ބެލި ނަމަވެސް މިއީ 2017 ގައި ސީދާ ދަރަނި ހުރި 43 ބިލިއަން ރުފިޔާގެ ދަރަންޏާ އަޅައިބަލާއިރު 3 ގުނައަށްވުރެ އިތުރު އަދަދެކެވެ.
ކުރިޔަށްއޮތް 2025 ގެ ދަރަނީގެ މިންވަރަކީ ޖީ.ޑީ.ޕީ.ގެ ނިސްބަތުން 124.8 އިންސައްތަ އެވެ. މިއީ ރައްކާތެރި މިންގަނޑު ކަމުގައި މާލީ ތަޖުރިބާކާރުން ވަކާލާތު ކުރާ 60 އިންސައްތައިގެ 2 ގުނައަށްވުރެ މަތީ އަދަދެކެވެ. މިއިން ދައްކުވައިދެނީ ނިމިދިޔަ ސަރުކާރުތަކެކޭ އެއްފަދައިން މި ސަރުކާރުން ވެސް ގައުމީ ދަރަނީގެ ހަރުދަނާ ސިޔާސަތެއް ނުގެންގުޅޭކަމެވެ. ދައުލަތުގެ ދަރަނި އިތުރުވެގެންދާ މިންވަރު ފޯރުންތެރި އަދި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުން ލަސްކޮށްފިނަމަ ގައުމުގެ ހާލަތު ދާނީ ގޯހުން ގޯހަށެވެ.
ބަޖެޓު ފައިނޭންސްކުރުމުގެ ގޮންޖެހުންތަކާއެކު ޕްރައިވެޓް ސެކްޓަރަށް މާލީ ދަތިތައް ކުރިމަތިވުން
އެހެން އަހަރުތަކެކޭވެސް އެއްފަދައިން 2025 ވަނަ އަހަރުގެ ބަޖެޓު ފައިނޭންސްކުރުމަށް ރާވާފައިވަނީ ދުނިޔޭގެ މާލީ ބާޒާރުންނާއި ރާއްޖޭގެ އިޤްތިޞާދުންނެވެ. ބަޖެޓުން ކުރަން ރާވާފައިވާ ޚަރަދުތައް ދެކޮޅު ޖެއްސުމުގެ ގޮތުން ހޯދަންޖެހޭ ދަރަނި ކުޑަ ނުވިނަމަވެސް، ސްޓްރެޓެޖިކް ފިޔަވަޅެއްގެ ގޮތުގައި، ސަރުކާރުން ވަނީ ދައުލަތުގެ މާލީ އެސެޓްތަކާ ގުޅޭ މުޢާމަލާތްތައް ގިންތިކުރާގޮތަށް 2025 ގެ ބަޖެޓުގައި ބަދަލެއް ގެނެސްފައެވެ. މިގޮތުން ސަރުކާރުގެ ކުންފުނިތަކަށް ދޫކުރާ ކެޕިޓަލާއި ލޯނުތައް ޚަރަދުގެ ބައިން އުނިކޮށް ފައިނޭންސިންގގެ ބަޔަށް ބަދަލުކޮށްފައިވެއެވެ. މި ބަދަލުތަކާއެކު 2025 ވަނަ އަހަރުގެ ބަޖެޓުގެ ޑެފިސިޓައަކީ 9.4 ބިލިއަން ރުފިޔާއެވެ. ނަމަވެސް ކުރިން ބޭނުން ކުރަމުން އައި އުސޫލުން ޚަރަދުތައް ގިންތިކުރާނަމަ، 2025 ޑެފިސިޓްއަކީ 13.0 ބިލިއަން ރުފިޔާއެވެ. މި ބަދަލުގެ ސަބަބުން ބަޖެޓަށް ބޭނުންވާ ފައިނޭންސިންގ ނުވަތަ ނަގަންޖެހޭ ދަރަނީގެ މިންވަރަށް އަސަރެއް ނުކުރާއިރު، ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ބުރަތައް ހަމައެގޮތުގައި ދެމިގެންދާކަން ފާހަގަކުރެވެއެވެ.
2025 ގެ ބަޖެޓު ފައިނޭންސް ކުރުމަށްޓަކައި ޖުމުލަ 19 ބިލިއަން ރުފިޔާ ދަރަންޏަށް ހޯދަންޖެހެއެވެ. 2025 ގައި ރާއްޖޭން ބޭރުން ފައިނޭންސް ހޯދުމަށް ކަނޑައަޅާފައިވާ އަދަދަކީ 11.8 ބިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި ބަޖެޓު ސަޕޯޓް ލޯނުތަކާއި ތަރައްޤީގެ މަޝްރޫޢުތަކަށް ނަގާ ބޭރުގެ ލޯނުތަކުގެ ބޮޑު ޙިއްސާއެއް ހިމެނެއެވެ.
މީގެ އިތުރުން، 2025 ގެ ބަޖެޓު ފައިނޭންސް ކުރުމަށް 7.2 ބިލިއަން ރުފިޔާ ރާއްޖޭގެ މާލީ އިދާރާތަކުން ހޯދުމަށް ލަފާކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ޓްރެޜަރީ ބިލާއި ބޮންޑް ވިއްކައިގެން ހޯދުމަށް ރާވާފައިވާ 5 ބިލިއަން ރުފިޔާއާއި، ސޮވްރިން ޑިވެލޮޕްމަންޓު ފަންޑުން ޓްރާންސްފަރ ކުރާ 2 ބިލިއަން ރުފިޔާއާއި، ސަބްސިޑިއަރީ ލޯނުތަކުން އަނބުރާ ލިބޭނެކަމަށް ލަފާކޮށްފައިވާ 135 މިލިއަން ރުފިޔާއެވެ.
މީގެ ކުރީ 2 އަހަރެކޭވެސް އެއްފަދައިން، 2025 ގައިވެސް ރާއްޖޭން ބޭރުން ފައިނޭންސް ހޯދަން އަންދާޒާ ކޮށްފައިވާ މިންވަރަށް ފައިސާ ލިބޭނެ ކަމަކަށް ނުފެނެއެވެ. ވަކިން ޚާއްސަކޮށް ބަޖެޓު ސަޕޯޓްގެ ގޮތުގައި ކޮމާޝަލް ބޭންކުތަކުން ހޯދުމަށް ލިޔެފައިވާ 6.7 ބިލިއަން ރުފިޔާ ހޯދޭނެގޮތުގެ ރަނގަޅު ޕްލޭނެއް ބަޖެޓު އަދަދުތަކުން ދޭހަނުވެއެވެ. ހަމައެއާއެކު ބަޖެޓުގެ އަދަދުތަކުން ފެންނަ ގޮތަށް، އަންނަ އަހަރު އިތުރަށް ނަގާ ދަރަނީގެ އިންޓްރެސްޓް ރޭޓް އެވްރެޖްކޮށް 2.8 އިންސައްތައިގައި ހުރުމަކީ މިވަގުތު ބައިނަލްއަޤްވާމީ މާލީ މަޝްރަހު ހުރިގޮތުން ނާދިރުކަމެކެވެ. އަދި ރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިންގ ދަށު ދަރަޖައަކަށް ޑައުންގްރޭޑް ކޮށްފައިވާ ދުވަސްވަރެއްގައި، ދެ ވިޔައަކުރަށްވުރެ ކުޑަ ރޭޓެއްގައި ބޭރުގެ މާލީ ބާޒާރުން ދަރަނި ހޯދުމަކީ ބިލާހެކެވެ.
ދުނިޔޭގެ މާލީ ބާޒާރުން ފައިނޭންސިންގ ނުލިބުމުގެ ސަބަބުން، ކޮންމެ ފަހަރަކުވެސް، ސަރުކާރުން ބޭނުން ވަރަކަށް ޚަރަދުކުރުމުގެ ބުރަ އުފުލަން ޖެހެނީ ރާއްޖޭގެ މާލީ ބާޒާރަށެވެ. 2022 އަދި 2023 ގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލައިލާއިރު، އެ ދެ އަހަރަށް ރާއްޖޭގެ މާލީ ބާޒާރުން ހޯދުމަށް ބަޖެޓުކުރި 8.8 ބިލިއަން ރުފިޔާގެ މައްޗަށް އިތުރު 15.3 ބިލިއަން ރުފިޔާ، ޖުމްލަ 24.1 ބިލިއަން ރުފިޔާ، ރާއްޖޭގެ ބާޒާރުން ފައިނޭންސް ކޮށްފައިވެއެވެ. މިހިނގާ 2024 ގައި ބަޖެޓު ފާސްކުރިއިރު އަންދާޒާކުރި 5.2 ބިލިއަން ރުފިޔާގެ މައްޗަށް އިތުރު 6.9 ބިލިއަން ރުފިޔާ، އެކު ޖުމްލަ 12.1 ބިލިއަން ރުފިޔާ، ރާއްޖޭގެ ބާޒާރުން ފައިނޭންސް ކުރާނެކަމަށް މިހާރު ފެންނަންހުރި ހިސާބުތަކުން ދައްކައެވެ. އެހެންކަމުން 2025 ގައިވެސް މިހާރު އަންދާޒާ ކޮށްފައިވާ 5 ބިލިއަން ރުފިޔާއަށް ވުރެ މާބޮޑު އަދަދެއް ރާއްޖޭގެ ބާޒާރުން ހޯދަން މަޖުބޫރުވާނެކަން ޔަގީން ކުރެވެއެވެ.
މީގެ އިތުރުން، ދައުލަތުގެ އާމްދަނީ އާއި ޚަރަދަށް ހުރި ހިރާސްތަކުގެ ސަބަބުން ފައިނޭންސް ކުރަންޖެހޭ މިންވަރުވެސް ބަޖެޓުގައި އަންދާޒާކޮށްފައިވާ މިންވަރަށްވުރެ އިތުރުވުމަކީ ގާތްކަމެކެވެ. މިގޮތުން، ހިލޭ އެހީގެ ގޮތުގައި ލިބޭނޭކަމަށް ބަޖެޓުކޮށްފައިވާ 120 މިލިއަން ޑޮލަރު، އެހެން އަހަރުތަކެކޭ އެއްފަދައިން ނުލިބިއްޖެނަމަ، ބަޖެޓުގެ ޑެފިސިޓް ފައިނޭންސް ކުރުމުގައި އިތުރު ހިރާސްތަކެއް ކުރިމަތިވެ، ފައިނޭންސް ކުރަންޖެހޭ މިންވަރު އިތުރުވާނެއެވެ. އަދި ޚަރަދު ކުޑަކުރުމަށް ރާވައިފައިވާ ފިޔަވަޅުތައް ލަސްވެއްޖެނަމަ، ބަޖެޓު ފޫބައްދަން ދަރަންޏަށް ފައިސާ ނަގަންޖެހޭ މިންވަރު އިތުރުވާނެއެވެ. މިއީ ވޭތުވެދިޔަ ތަނުގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ނުވުމަށްވުރެ ވުން ގާތް ހިރާސްތަކެކެވެ.
ބަޖެޓް ފައިނޭންސް ކުރުމަށް ރާއްޖޭގެ މާލީ ބާޒާރުން މިހާ ބޮޑެތި އަދަދުން ފައިސާ ހޯދަން ޖެހުމުން، ޕްރައިވެޓް ސެކްޓަރަށް ރާއްޖޭގެ މާލީ ބާޒާރުން ލޯނާއި އިންވެސްޓްމަންޓަށް ޖާގަ ނުލިބި (ޕްރައިވެޓް ސެކްޓަރ ކްރައުޑް އައުޓްވެ)، ޕްރައިވެޓް ސެކްޓަރު ފުޅާވެ ކުރިއެރުމަށް ހުރި ފުރުސަތުތައް ވަރަށްބޮޑަށް ހަނިވެގެންދެއެވެ. އަދި ކުރިޔަށް އޮތް އަހަރުގައިވެސް، ޕްރައިވެޓް ސެކްޓަރުގެ ވިޔާފާރިތަކަށް އިތުރަށް ދަތިވެ، މިކަމުގެ ނޭދެވޭ އަސަރު ދިވެހި އިޤްތިޞާދަށް ނުކޮށެއް ނުދާނެއެވެ.
އެހެންކަމުން ބަޖެޓު ހުށަހަޅައި ފާސްކުރަން ފަސޭހަކަމުގައި ވިޔަސް، ވޭތުވެ ދިޔަ 3 އަހަރެކޭ ވެސް އެއްފަދައިން ކުރިއަށް އޮތް 2025 ގައިވެސް، ބޭރު ފައިނޭންސިންގ ތާށިވެ، ރާއްޖޭގެ ބާޒާރަށް ބަރޯސާވާންޖެހި، ރާއްޖޭގެ އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރު އިތުރަށް ފޯރާނެއެވެ.
އާސަންދަ، ސަބްސިޑީ، އަދި ޕެންޝަން ނިޒާމަށް ބަދަލުގެނެސް ސަބްސިޑީތައް ޑައިރެކްޓްކުރުން
ކުރީ 2 އަހަރެކޭ އެއްގޮތަށް 2025 ގެ ބަޖެޓުވެސް ބައްޓަންކޮށްފައިވަނީ އާސަންދައާއި، އެހެނިހެން ބައެއް ސަބްސިޑީތައް، މާލީ ފުދުންތެރިކަން ކުޑަ ފާރަތްތަކަށް ޑައިރެކްޓްކުރުމުގެ ވިސްނުމުގެ ތެރެއިންނެވެ. ޢާންމުކޮށް އެންމެނަށް ސަބްސިޑީ ދިނުމުގެ ބަދަލުގައި، އެފަދަ އެހީތެރިކަން ކޮންމެހެން ލިބިދޭންޖެހޭ ފަރާތްތަކަށް އެކަނި ސަބްސިޑީ ދިނުމަށްޓަކައި މުހިންމު ބަދަލުތަކެއް ބަޖެޓުގައި ހިމަނާފައިވެއެވެ. ކަރަންޓް އަގު ހެޔޮކުރުމާއި، ކާބޯތަކެތި އަގުހެޔޮ ކުރުމަށް އެންމެނަށް ދޭ ސަބްސިޑީ، ޑައިރެކްޓްކޮށް ދިނުމުގެ ވިސްނުމުގައި 2.4 ބިލިއަން ރުފިޔާ ބަޖެޓުން އުނިކޮށް އޭގެ ބަދަލުގައި ޑައިރެކްޓްކޮށް ސަބްސިޑީ ދިނުމުގެ ބަޔަށް 900 މިލިއަން ރުފިޔާ އިތުރުކޮށްފައިވެއެވެ.
މީގެ އިތުރުން އާސަންދަ ދިނުމުގައި "ޕްރީޕޭ"، އަދި ފާމަސީތަކާއި ސަރުކާރު ހޮސްޕިޓަލްތަކުން ލިބިގަންނަ ޚިދުމަތްތަކުން "ކޯޕޭ" ގެ ގޮތުގައި ޞިއްޙީ ޚިދުމަތްތަކަށް "ހެލްތް ކޮންޓްރިބިޔުޝަން" އެއް ދައްކަން ޖެހޭގޮތަށް އާސަންދަ ނިޒާމު ބަދަލު ކުރުމަށް ނިންމާފައިވެއެވެ. މަސްދުވަހުގެ އާމްދަނީ 60،000ރ އަށް ވުރެ ގިނައިން ލިބޭ ފަރާތްތަކުން، 2025 ގެ އެޕްރީލް މަހުން ފެށިގެން ހެލްތް ކޮންޓްރިބިޔުޝަން ދައްކަންޖެހޭނެ ކަމަށް ބަޖެޓުގެ ތަފްސީލީ ބަޔާނުގައި ކަނޑައަޅާފައިވެއެވެ. މިގޮތަށް މި ނިޒާމު ބަދަލުވުމުން ޞިއްޙީ ޚިދުމަތުގެ ހޭދައިން ޖުމްލަ 434 މިލިއަން ރުފިޔާގެ ޚަރަދު ކުޑަކުރެވޭނޭ ކަމުގައި ބަޔާން ކޮށްފައިވެއެވެ. މީގެ އިތުރުން 65 އަހަރުވުމުން ދެވޭ އަސާސީ ޕެންޝަން މީގެފަހުން ދޫކުރާނީ މަދުން އާމްދަނީ ލިބޭ (މާލީ ފޯރުންތެރިކަން ކުޑަ) ފަރާތްތަކަށް އެކަނިކަމުގައި ހެދުމަށް ގަސްދުކޮށް ޕެންޝަން ފައިސާގެ ބަޖެޓުން 272 މިލިއަން ރުފިޔާ އުނިކުރުމަށްވެސް ހުށަހަޅައިފައިވެއެވެ.
ސަބްސިޑީ ފޯރުކޮށް ދޭންވާނީ ހަމައެކަނި އެކަމުގެ ހާޖަތްތެރިންނަށް ކަމުގައި ހެދުމުގެ މަސައްކަތް ރާވާފައިވާ ގޮތަށް ކުރިޔަށް އޮތް އަހަރުގައި ފެށިއްޖެނަމަ، އެއީ މާލީ ސިޔާސަތުގެ މިސްރާބު ރަނގަޅުކުރުމަށް އެޅޭ ހަރުދަނާ ފިޔަވަޅެކެވެ. ނަމަވެސް، ރާއްޖޭގެ މާލީ ޙާލަތު ދިރާސާކޮށް، މާލީ އިސްލާޙުތައް ތަންފީޒުކުރުމަށް ތަކުރާރުކޮށް އިލްތިމާސް ކުރަމުންދާ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ބަޔާންކޮށްފައިވަނީ ހަމައެކަނި ސަބްސިޑީގެ ވާހަކަ އެކަންޏެއް ނޫނެވެ. ސަރުކާރު ހިންގުމުގެ ޚަރަދު ކުޑަކުރުމަށާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތައް ހަމައަކަށް އެޅުވުމަށް ތަކުރާރުކޮށް ބޭރުގެ މާލީ އިދާރާތަކުން އިލްތިމާސް ކޮށްފައިވެއެވެ.
ކަރަންޓާއި ކާބޯތަކެތި އަގުހެޔޮ ކުރުމަށާއި ބޭސްފަރުވާގެ ނިޒާމުން ޖުމުލަ 2.9 ބިލިއަން ރުފިޔާގެ ސަބްސިޑީ އުނިކޮށް، އާސަންދައަށް ޕްރީޕޭ އާއި ކޯޕޭ ތަޢާރަފުކޮށް، އަސާސީ ޕެންޝަން ދެން ލިބޭނީ ފޯރުންތެރިކަން ނެތް ފަރާތްތަކަށް ކަމުގައި ކަނޑައަޅައި، އާންމު ރައްޔިތުންނާ ގުޅުންހުރި ދާއިރާތަކުން ޚަރަދުތައް ކުޑަކުރުމަށް ރާވާފައިވާ 2025 ގެ ބަޖެޓުގައި، ސަރުކާރުގެ މުއައްޒަފުންނާއި، ހިންގުމުގެ ޚަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތެވެ. އޭގެ ބަދަލުގައި މުއައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 2.3 ބިލިއަން ރުފިޔާ އިތުރުކޮށްފައިވެއެވެ. އަދި ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށް ރައުސްމާލާއި ޑެފިސިޓް ސަޕޯޓުގެ ގޮތުގައި 2024 ގައި 2.8 ބިލިއަން ރުފިޔާ ދޫކުރާނެކަމަށް ބެލެވޭއިރު، 2025 ގައި 803.5 މިލިއަން ރުފިޔާ ދޫކުރުމަށް ބަޖެޓު ކޮށްފައިވެއެވެ. 2025 ގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބަޖެޓުން ދޫކުރާ ފައިސާ ބޮޑުތަނުން ކުޑަކޮށްފައިވީ ނަމަވެސް އެކަން ކުރާނެ ގޮތުގެ އެކަށީގެންވާ ޕްލޭނެއް އޮތް ކަމަކަށް ނުބެލެވެއެވެ. އެހެންކަމުން، މި ކަމަކީ ހާސިލުކުރުމަށް ބޮޑެތި ހިރާސްތައް ހުރި ކަމެއްކަމުގައި ފެނެއެވެ.
ސަބްސިޑީ ދިނުމުގެ ނިޒާމް އިސްލާޙުކޮށް ހަމައަކަށް އެޅުވުމުގެ މަސައްކަތް ފެށުމަށް ކަނޑައަޅާފައިވާއިރު، ބަޖެޓުގެ އެހެނިހެން ޚަރަދުތައް، ޚާއްޞަކޮށް މުސާރައާއި އިދާރީ އެހެން ޚަރަދުތައް ކުޑަކުރުމުގެ ވިސްނުމެއް ބަޖެޓުން ފެންނާން ނެތުމަކީ ހަރުދަނާ މާލީ އިސްލާޙްތަކަށް ބަޖެޓު އަމާޒުކުރުމުގައި އުނިކަންތައްތަކެއް ހުރިކަން ދޭހަކޮށްދޭ ކަމެކެވެ.
ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުގެ އަމާޒު އިސްލާޙްކުރަންޖެހިފައި
ދައުލަތުގެ ޖުމުލަ ބަޖެޓުގެ 63 އިންސައްތައަކީ ރިކަރަންޓް ޚަރަދެވެ. އަދި 37 އިންސައްތައަކީ ކެޕިޓަލް ޚަރަދާއި ކޮންޓިންޖެންސީއެވެ. ކެޕިޓަލް ޚަރަދަށް ވުރެ ރިކަރަންޓް ޚަރަދު އިތުރުވުމަކީ، އިޤްތިޞާދީ އަދި އިޖްތިމާޢީ އިންފްރާސްޓްރަކްޗަރާއި ވަސީލަތްތަކާއި ޚިދްމަތްތައް ޤާއިމުކުރުމަށް ކުރެވޭ ހޭދައަށް ބަޖެޓުން އެކަށީގެންވާ ގޮތެއްގައި ތަންނުދެވޭކަން ދައްކުވައިދޭ ކަމެކެވެ.
އުސޫލެއްގެ ގޮތުން ކެޕިޓަލް ޚަރަދުތަކުގެ ފޯކަސް ހުންނަން ވާނީ އެ ހޭދަތަކުން ޤައުމުގެ އުފެއްދުންތެރިކަމާއި ދައުލަތުގެ އާމްދަނީ އިތުރުކުރެވޭނެފަދަ ކަންކަމަށެވެ. ކެޕިޓަލް އިންވެސްޓްމަންޓްތަކުގެ ގޮތުގައި ހިންގާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ބިންހިއްކުމާއި ޢިމާރާތް ކުރުމަށް 4.1 ބިލިއަން ރުފިޔާ އަދި އިންފްރާސްޓްރަކްޗަރ ބިނާކުރުމަށް 7.1 ބިލިއަން، ޖުމްލަ 11.3 ބިލިއަން ރުފިޔާ ބަޖެޓު ކޮށްފައިވެއެވެ. ނަމަވެސް މި ޚަރަދުތައް ބައިކުރެވިފައިވާ ގޮތުގެ ތަފްސީލީ މައުލޫމާތު ބަޖެޓުންވަނީ އުނިކޮށްފައެވެ. އަދި ކެޕިޓަލް ޚަރަދުގެ ތެރެއިން 'އިޤްތިޞާދީ ފައިދާއަށްކުރާ ޚަރަދު' ގެ ގޮތުގައި ކަނޑައަޅާފައިވާ 378 މިލިއަން ރުފިޔާއަކީ، ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމަށާއި، މަލްޓިލެޓަރަލް އޭޖެންސީ ފަދަ ތަންތާނގައި ބައިވެރިވުމުގެ ރައުސްމާލަށް ކަނޑައަޅާފައިވާ ފައިސާއެވެ.
އެހެންކަމުން، ކެޕިޓަލް ޚަރަދުކަމުގައި ބުނެ ކުރެވޭ ޚަރަދުތަކުގައި، ޤައުމުގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް ކުރެވޭ ބޮޑެތި އިންވެސްޓްމަންޓްތައް އެންމެ ފުރިހަމައަށް ފެންނާކަށް ނެތެވެ. ކެޕިޓަލް ޚަރަދުގެ ގޮތުގައި ކުރާ ޚަރަދުގެ ބޮޑު އިންސައްތައަކީ، އުފެއްދުންތެރި ކަމަށް އިސްކަން ދީގެން ހިންގާ ޕްރޮޖެކްޓްތައް ކަމުގައި ނުވަނީނަމަ، މިގޮތުން ކުރެވޭ ޚަރަދުތަކުން ޤައުމުގެ ޖީ.ޑީ.ޕީ. އިތުރުވުމުގެ ބަދަލުގައި، ނިމިދިޔަ އަހަރުތަކުގައި ޚަރަދުތަކުން ބިނާ ކުރެވުނު ވަސީލަތްތައް މާރާމާތުކޮށް އާބާތުރަ ފިލުވައި ދެމެހެއްޓުމަށް ކޮންމެ ފަހަރަކުވެސް ރިކަރަންޓް ޚަރަދު އިތުރުވެގެން ދެއެވެ.
ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމުގެ މަސައްކަތްތައް ފަށައިގެންފައިވާ، އަދި ސަބްސިޑީ މަދުކޮށް، ޕެންޝަންދެވޭ އިންތައް ބަދަލުކޮށް، އާސަންދައަށް ޑިރެކްޓް ޕޭމަންޓެއް ދެއްކުމަށް ހުށަހަޅާ އަހަރެއްގައި، ކެޕިޓަލް ޚަރަދު އަމާޒުކުރުން ރަނގަޅީ ސިދާ ގޮތުން ޤައުމުގެ އުފެއްދުންތެރިކަން އިތުރުވާނޭ ފަދަ މަޝްރޫޢު ތަކަށެވެ.
މަސްވެރިކަން ކުރިއެރުވުމަށާއި، އިޤްތިޞާދު ސިންދަފާތު ކުރުމަށް އިސްކަންދީފައި ނުވުން
ނިމިގެންމިދާ 2024 ވަނަ އަހަރަކީ، މަސްވެރިކަމުގެ ސިނާއަތަށް ބަނަ އަހަރެކެވެ. އެމް.އެމް.އޭ. ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ނިމިދިޔަ 2023 އަހަރުގެ ސެޕްޓަމްބަރު މަހުގެ ނިޔަލަށް މަސް ކުންފުނިތަކުން 68000 މެޓްރިކް ޓަނުގެ މަސް ގަނެފައިވާއިރު މިއަހަރު ސެޕްޓެމްބަރ މަހުގެ ނިޔަލަށް ގަނެފައިވަނީ އެއަށްވުރެ 41 އިންސައްތަ މަދުން، އެންމެ 40000 މެޓްރިކް ޓަނުގެ މަހެވެ. އަދި މިމުއްދަތުގައި މަހުގެ އެކްސްޕޯޓްވެސް ވަނީ ދަށަށް ގޮސްފައެވެ.ސަރުކާރުތަކުން މަސްވެރިކަމުގެ ސިޔާސަތު ބައްޓަން ކުރަމުންދިޔަ ގޮތުގެ ސަބަބުން ޕްރައިވެޓް ސެކްޓަރުގެ ފެކްޓަރީތައް ބަންދުކުރުމާއި ކިރުވި މަހަށް ފައިސާ ދިނުމުގައި ހުރި ހުރަސްތަކުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތުގެ މޫނުމަތިވަނީ ބަނަވެފައެވެ. އަދި މަސްވެރިކަމަށް ދޯނިތައް ނުކުންނަ މިންވަރާއި ކެޔޮޅުންނާއި ފަޅުވެރިން ހަރަކާތްތެރިވާ މިންވަރު ވަނީ ބޮޑުތަނުން ދަށްވެފައެވެ.
މަސްވެރިކަމުން ސީދާގޮތުގައި ޤައުމީ އުފެއްދުންތެރިކަމަށް ހިއްސާ ކުރަނީ އެންމެ 2 އިންސައްތައަށް ވުރެ ދަށުން ކަމުގައިވިޔަސް، މަސްވެރިކަމަކީ ދިވެހި ދިރިއުޅުމާއި ވައްޓަފާޅީގެ ބަޔެކެވެ. އަދި ރާއްޖޭ ކުރިމަތިލާން ޖެހުނު ކާރިސާތަކާއި ބޭރުގެ ލޮޅުންތަކުން ރާއްޖޭގެ އިޤްތިޞާދުގެ މައިތަނބު ކަމުގައިވާ ފަތުރުވެރިކަމަށް ހީނަރުކަން ލިބުނު ކޮންމެ ފަހަރަކުމެ، ރާއްޖޭގެ އިޤްތިޞާދު ހިފަހައްޓައިދީ، ކާމޭޒަށް ޔަޤީންކަމާއެކު ރޯދި ފޯރުކޮށްދިން ސިނާއަތަކީ މަސްވެރިކަމެވެ. މީގެއިތުރުން ފަތުރުވެރިކަމުގެ ނަފާއާ އެއްވަރުނުވި ނަމަވެސް މަސްވަރިކަމުގެ ސިނާއަތަކީ ދެވަނައަށް އެންމެ ގިނައިން ރާއްޖެއަށް ބޭރު ފައިސާ ހޯދައިދޭ ސިނާޢަތެވެ.
މިހާރުވެސް ނިޔުޓްރިޝަން ލިބިގަތުމަށްޓަކައި ދިވެހިން އިސްކުރަނީ މަސްވެރިކަމުން ލިބިދެވޭ ބަރަކާތް ކަމުގައި ވާހިނދު، މިއީ ދިވެހި މަސްވެރިކަމުގެ މުސްތަޤްބަލާމެދު ބޮޑުކޮށް ފުންކޮށް ވިސްނާ، ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ވަގުތެއްކަން ޔަޤީނެވެ.
ނަމަވެސް 2025 ވަނަ އަހަރަށް ފާސްކޮށްފައިވާ ޕީ.އެސް.އައި.ޕީ ގެ 12.4 ބިލިއަން ރުފިޔާގެ ބަޖެޓުގައި ގެދޮރުވެރިކަމަށް ލޯނު ދިނުމަށް 1 ބިލިއަން އަދި ގެދޮރު ވެރިކަމުގެ މަޝްރޫޢުތަކަށް އިތުރު 1.8 ބިލިއަން ކަނޑައަޅާފައި ވާއިރު، މަސްވެރިކަމަށް އޮތީ ޕީ.އެސް.އައި.ޕީ. ބަޖެޓުގެ ގާތްގަނޑަކަށް 1 އިންސައްތައާއި އެއްވަރު، އެންމެ 122 މިލިއަން ރުފިޔާއެވެ. އެހެންކަމުން، ބަޖެޓުގައި މަސްވެރިކަން ކުރިއެރުވުމަށް އިސްކަންދީފައިވާ ކަމަކަށް ބުނެވޭކަށް ނެތެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތަށް ޤައުމީ އިޤްތިޞާދު ބަރޯސާވާ މިންވަރު އިތުރުވަމުންދާއިރު، ދިވެހި އިޤްތިޞާދު ސިންދަފާތު ކުރުމަށް މިއަދު ވަނީ އިހުނަށްވުރެ އިސްކަންދީގެން މަސައްކަތްތަކެއް ކުރަން ޖެހިފައެވެ.
މަސްވެރިކަން ދަމަހައްޓައި ކުރިއެރުވުމަށާއި ޖުމްލަކޮށް އިޤްތިޞާދު ސިންދަފާތުކުރުމުގެ ވިސްނުން ގެންގުޅެފައިވާ މިންވަރު ދަށްވުމަކީ ޤައުމުގެ ކުރިމަގަށް އޮތް ބޮޑު ނުރައްކަލެކެވެ.
މުދަލާއި ޚިދުމަތުގެ އަގު އުފުލުމުގެ ފުރުސަތު ބޮޑުވުން
2025 އަށް ފާސްކޮށްފައިވާ 56.6 ބަޖެޓުގެ ފައިސާ އިޤްތިޞާދުގައި ދައުރުކުރަން ފެށުމުން، އިންފްލޭޝަނަށް އޭގެ ނޭދެވޭ އަސަރު ކުރާނޭ ކަމަށް ބެލެވެއެވެ. އަދި ކަރަންޓާއި ކާބޯތަކެތީގެ އަގު މަތިވިޔަ ނުދިނުމަށް މީގެކުރިން ދެމުން ގެންދިޔަ 2.4 ބިލިއަން ރުފިޔާގެ ސަބްސިޑީ ކަނޑާލުމުން، އަސާސީ ޚިދުމަތާއި ތަކެތީގެ އަގުބޮޑުވެ، އިންފްލޭޝަން 3.9 އިންސައްތަ އަށް އުފުލޭނޭ ކަމަށް ބަޖެޓު ކަރުދާސްތަކުގައި ވެސް ފާހަގަކޮށްފައެވެ.
ދައުލަތުގެ މާލީ ސިޔާސަތުތައް ބައްޓަންކޮށްފައިވާ ގޮތުގެ އިތުރުން، ދައުލަތާއި ފަތުރުވެރިކަމުގެ ސިނާއަތާއި ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން، ބާޒާރުގައި ޑޮލަރު ގަންނަން ލިބޭ އަގަށް މިފަހުން ވަނީ ކުއްލި ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އަދި މި ނުތަނަވަސް ކަން ފިލުވާނުލެވޭނަމަ، ކޮވިޑް-19ގެ ދުވަސްވަރޭ އެއްފަދައިން 20 ރުފިޔާއާއި ހަމައަށް، ނުވަތަ އެއަށްވުރެ މައްޗަށް ޑޮލަރުގެ އަގު އެރުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ވެސް ރާއްޖޭގައި އުފުލެން ފަށާފައިވާ އިންފްލޭޝަނަށް އަސަރުކުރާނެ ކަމެކެވެ. މިގޮތުން މިކަންކަމަށް ބަލާއިރު އިންފްލޭޝަން ރޭޓް ބޮޑުތަނުން މައްޗަށް ގޮސް 3.9 ފަހަނައަޅައި ހިނގައިދާނެކަމަށް ބެލެވެއެވެ.
ނިންމާލުމުގެ ކުރިން ފާހަގަކޮށްލަން ބޭނުންވާ ނުކުތާތައް
2025 ވަނަ އަހަރުގެ ބަޖެޓުގައި ޚަރަދުކުޑަކުރުމަށް ކަނޑައަޅާފައިވާ ސަބްސިޑީއަށް ކުރާ ހޭދަ ކުޑަކުރުމުގެ ސިޔާސަތު ހިތްހަމަޖެހުމާއެކު ފާހަގަކުރަމެވެ. ނަމަވެސް އެހެން ބައެއް ދާއިރާތަކުން، ޚާއްޞަކޮށް މުސާރައާއި ޚިދުމަތް ފޯރުކޮށްދިނުމުގެ ޚަރަދުތައް ވަނީ އިތުރުކޮށްފައެވެ. އަދި ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށް ޑެފިސިޓް ސަޕޯޓްގެ ގޮތުގައި ކުރާ ހޭދައަށް އެކަށީގެންވާ ހެޔޮ ބަދަލެއް ގެނެވިފައިވާކަމަކަށް ނުފެނެއެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން ބަޖެޓަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ބަޖެޓް ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ ރާއްޖޭން ބޭރުން ނުލިބުމާއި، ރާވާފައިވާ ގޮތަށް ޚަރަދުތައް ކުޑަ ނުކުރެވުމެވެ. ތަކުރާރުކޮށް މިކަން މިގޮތަށް ދިމާވެއްޖެނަމަ 2025 ގެ ފަހުކޮޅުގައި އަނެއްކާވެސް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަންޖެހޭނެއެވެ. އަދި ރާއްޖޭން ބޭރުން ފައިސާ ހޯދުމުގެ ބަދަލުގައި ރާއްޖޭގެ މާލީ އިދާރާތަކުން ފައިސާ ހޯދަންޖެހި، ޕްރައިވެއިޓް ސެކްޓަރުގެ ކުރިއެރުމަށް ހުރަސްހެޅި، ރާއްޖޭގެ އިޤްތިޞާދުގެ ދުވެއްޔަށް އޭގެ ނޭދެވޭ އަސަރު ފޯރާނެކަމަށް ބެލެވެއެވެ. މިގޮތަށް މިކަން ހިނގާއިރު ޕްރައިވެޓް ސެކްޓަރަށް މާލީ ބާޒާރުން ފައިސާ ހޯދުން ދަތިވުމުގެ އިތުރުން، ޕްރައިވެޓް ސެކްޓަރުން ފޯރުކޮށްދޭ ޚިދްމަތަކަށް ހުށަހަޅާ ބިލްތަކަށް ސަރުކާރުން ފައިސާ ދޫކުރުން ލަސްވެ އާޚިރުގައި ދެކޮޅުން ލަނޑުލިބެނީ ޕްރައިވެޓް ސެކްޓަރުގެ ވިޔަފާރިތަކަށާއި ޖުމްލަކޮށް އާންމު ރައްޔިތުންނަށެވެ.
2025 ވަނަ އަހަރުގެ ބަޖެޓާމެދު ފެންނަނީ، ދައުލަތަށް މި ވަގުތުވެސް ދިމާވެފައިވާ މާލީ ގޮންޖެހުންތައް ޙައްލުކުރުމަށް ފުރިހަމަ ރައްދެއް ދީފައިނުވާ ބަޖެޓެއްގެ ގޮތުގައެވެ. ބަޖެޓުގައި ބައެއް ޚަރަދުތައް ކުޑަކުރުމަށް ސިޔާސަތުގެ ބޮޑެތި ބަދަލުތައް އެކަށައަޅާފައިވީ ނަމަވެސް، ކަންކަން ހިނގަމުންދާގޮތަށް ބަލާއިރު އެ ސިޔާސަތުތައް ހާސިލުކުރުމަށް ބޮޑެތި ހިރާސްތައް ހުރިކަމަށް ފާހަގަކުރެވެއެވެ. އަދި އޭގެ އިތުރުން، އެ ސިޔާސަތުތަކާ ދިމާ އިދިކީލި ކަންތައްތައް ސަރުކާރުގެ ހިންގުމުގެ ޚަރަދުތަކުގެ ތެރެއިން ފެންނަކަން ފާހަގަކުރަންޖެހެއެވެ.
ބަޖެޓް އެކުލަވާލުން އާ ވިސްނުމަކަށް ބަދަލުވާން ޖެހެއެވެ. ބަޖެޓަކީ އިޤްތިޞާދީ ހަޤީޤަތްތަކުގެ މައްޗަށް ބިނާވެތިބެ ހަދާ، އިޤްތިޞާދީ ހަރުދަނާ ޕްލޭނެއް ރަމްޒުކޮށްދޭ އެއްޗަކަށް ހަދަންޖެހެއެވެ. ލިބޭ އާމްދަނީއާއި ނުބައްދަލު ބަޖެޓްތައް ހިންގުން ހުއްޓާލަން އެބަޖެހެއެވެ. ބަޖެޓަކީ ރައްޔަތުންގެ ފައިސާތަކެއް ހޯދައި އެފައިސާ ޚަރަދު ކުރުމުގެ ހުއްދައެއް ހޯދަން ޖަހާ މަޅިފައްޗެއްގެ ބަދަލުގައި، ބަޖެޓުން ޙާޞިލް ކުރަން ބޭނުން މަޤްޞަދުތަކެއް އެކަށައަޅައި ބަޔާން ކުރުމަކީ ބަޖެޓެއް އެކުލަވާލުމުގެ އެންމެ އަސާސީ ސިފަކަމުގައި ހެދުމަކީ ލާޒިމުކަމެކެވެ. ފާއިތުވި 10 އަހަރުގެ އިޤްތިޞާދީ ދުވެލި އިތުރުވެފައިވީ ނަމަވެސް ޑެފިސިޓެއްގައި ޚަރަދުކޮށް އިޤްތިޞާދީ ދުވެލި އިތުރުކުރުމަކީ ތާއަބަދު ކުރެވޭނެ ކަމެއް ނޫނެވެ.
2025 ގެ ބަޖެޓުގައި އިޤްތިޞާދީ ދުވެލި އިތުރުކުރުމާއި އިންފްލޭޝަން ކޮންޓްރޯލް ކުރުމާއި ވަޒީފާ އުފެއްދުމާއި އަތުޖެހޭ ހަމައަށް ދަރަނި ގެނައުމާއި ދޭދޭ ސިނާއަތްތައް ކުރިއަރުވައި އިޤްތިޞާދު ސިންދަފާތު ކުރުންފަދަ ކަންކަމާއި މެދު އެކަށޭނަ ވިސްނުމެއް ގެންގުޅެފައެއް ނެތެވެ. ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް އެކުލަވާލާ ޕްލޭނެއްގެ ގޮތުގައި ބަޖެޓު އެކުލަވާލުމުގެ ސަގާފަތަކީ މިހާތަނަށް މިރާއްޖެއާއި ބީރައްޓެހި ސިފައެކެވެ. 2025 ގެ ބަޖެޓުން ފެންނަނީ މާނަވީ މަންފާ އެއްކިބާކޮށް އިންތިހާބީ ވައުދުތައް ފުއްދުމުގެ އަގު މުޅި ގައުމު އަދާކުރަންޖެހޭނެ ފަދަ ވިސްނުމެކެވެ. ގައުމުގެ ހާލަތު ވަކި މިސްރާބަކަށް ގެންގޮސް ސަލާމަތުގެ އައްސޭރިއަށް ގެންދަން ބޭނުން ނަމަ ބަޖެޓަކީ ހާސިލު ކުރަން ބޭނުން މަޤްޞަދުތައް ކުރިޔާލާ އެކުލަވާލުމަށްފަހު، އޭގެ މައްޗަށް އެކަށައަޅާ، ދެއުޅިއެއްވާ، ޕްލޭނަކަށް ހެދުމަކީ މަޖުބޫރުކަމެކެވެ.